Sunday, May 28 2023

ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް އަލްއުސްތާޛު ޢަލީ ސަމީރު އައްޔަންކުރައްވައިފި

May 12, 2022

ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނުގެ 7 ވަނަ މާއްދާގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިދޭ ބާރުގެ ދަށުން ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް އަލްއުސްތާޛު ޢަލީ ސަމީރު އައްޔަންކުރައްވައިފިއެވެ.

އަލްއުސްތާޛު ޢަލީ ސަމީރު ވަނީ މިޞްރުގެ އަލްއަޒުހަރު ޔުނިވަރސިޓީން ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލު ކުރެއްވުމަށްފަހު، މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން ކޮމްޕަރޭޓިވް ލޯ އިން މާސްޓަރސް ޑިގްރީ ޙާޞިލު ކުރައްވާފައެވެ. އަލްއުސްތާޛު ޢަލީ ސަމީރު ޝަރުޢީ ދާއިރާގައި އަދާކުރައްވާފައިވާ މަޤާމުތަކުގެ ތެރޭގައި މަދަނީ ކޯޓުގެ ޤާޟީކަމާއި، މަދަނީކޯޓުގެ އިސް ޤާޟީކަމާއި، ސިވިލްކޯޓުގެ އިސް ޤާޟީކަން ހިމެނެއެވެ.

އަދި 26 މާރިޗު 2011 އިން ފެށިގެން 17 އެޕްރީލް 2022 އާ ހަމައަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައެވެ. ހައިކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި ހުންނެވި އިރު، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަންވެސް އަލްއުސްތާޛު ޢަލީ ސަމީރު ކުރައްވާފައިވެއެވެ.

އަލްއުސްތާޛު ޢަލީ ސަމީރު ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް އައްޔަންކުރެވުމާއެކު، އެ މަޤާމުގައި މިހާރު ތިއްބެވީ އަލްއުސްތާޛު ޢަލީ ސަމީރުގެ އިތުުރުން ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް މަޙްމޫދު ސަލީމެެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނުގެ 7 ވަނަ މާއްދާގެ (ރ) ގެ ދަށުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމު ހުސްވެއްޖެނަމަ، ނުވަތަ އެއްވެސް ސަބަބަކާ ހުރެ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްޢޫލިއްޔަތު އަދާކުރުމަށް އުޒުރުވެރިވެއްޖެ ޙާލަތެއްގައި، ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިފައިވާ ބާރު ވަގުތީގޮތުން ޙަވާލުކުރައްވާނީ ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް މަޙްމޫދު ސަލީމާއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އައްޔަންކުރައްވާ މި އޮފީހުގެ އެންމެ އިސް މަޤާމުތަކުގައި މި ވަގުތު ތިއްބެވީ ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލުންގެ އިތުރުން، އެސިސްޓެންޓް ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޙުސައިން ނާޝިދުއާއި، އެސިސްޓެންޓް ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޝަމްރާ ޝަމީމްއާއި، އެސިސްޓެންޓް ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ މަރްޔަމް ފެޒްލީންއާއި، އެސިސްޓެންޓް ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޢަބްދުﷲ ރާބިޢުއެވެ.

ޖިނާއީ ކުށްތަކާ ގުޅިގެން އަނިޔާލިބޭ މީހުންނަށް އެހީތެރިކަން ދިނުމާގުޅޭ އެއްބަސްވުމެއްގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި ޖެންޑަރ މިނިސްޓްރީއާ ދެމެދު ސޮއިކޮށްފި
ޕީޖީ އޮފީހުގެ "ލެތުން" އިފްތިތާޙްކޮށްފި