Sunday, May 28 2023

ޖިނާއީ ބޮޑެތި މައްސަލަތައް ތަޙްޤީޤްކުރުމުގައި ޢަމަލުކުރާނެގޮތުގެ އިރުޝާދެއް ޕްރޮސިކިއުޓަރ ޖެނެރަލް އެކުލަވާލައްވައިފި

May 12, 2020

ޤާނޫނުއަސަސާސީގެ 223 ވަނަ މާއްދާގެ (ރ) ގެ ދަށުން ޖިނާއީ ކުށެއް ކަމަށް ތުހުމަތުކުރެވޭ ޢަމަލުތަކާ ގުޅިގެން ބަލާ ބެލުންތަކާއި ހިންގާ ތަޙުޤީޤުތައް ބަލައި އެ ކަންކަން ހިންގަނީ ޤާނޫނާ އެއްގޮތަށްތޯ ބެލުމަށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިދޭ ބާރުގެ ދަށުން، ޖިނާއީ ޢަދުލުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް އަޅުއްވާ ފިޔަވަޅެއްގެ ގޮތުން، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަޙްޤީޤްކުރާ ޖިނާއީ ބޮޑެތި މައްސަލަތަކާ ގުޅިގެން ޢަމަލުކުރަންޖެހޭ ގޮތުގެ އިރުޝާދެއް އެކުލަވާލައި، މިއަދުން ފެށިގެން އެއަށް ޢަމަލުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ޕްރޮސިކިއުޓަރ ޖެނެރަލް އަންގަވައިފިއެވެ.

"ޖިނާއީ ބޮޑެތި މައްސަލަތަކުގައި ޢަމަލުކުރާނެ ގޮތުގެ އިރުޝާދު" ގެ ދަށުން، ޤާނޫނު ނަންބަރު: 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނޫ) ގެ ދަށުން ތަޙްޤީޤްކުރާ މައްސަލައަކާއި، ޖިނާއީ ބޮޑެތި މައްސަލަތަކާ ގުޅިގެން މީހަކު ބަންދުކުރެވިފައިވާނަމަ، މަދުވެގެން ހަފްތާއަކު އެއްފަހަރު މައްސަލައިގެ ތަޙްޤީޤްގައި ހޯދިފައިވާ ކުރިއެރުންތަކާއި، ތަޙްޤީޤްގައި ކުރުމަށް ޤަޞްދުކޮށްފައިވާ ކަންކަން އެނގޭގޮތަށް، ތަޙްޤީޤްގެ މިސްރާބު ޕްރޮސިކިއުޓަރ ޖެނެރަލްއާ ޙިއްޞާކުރަން ޖެހެއެވެ.

އަދި އެފަދަ މައްސަލައެއްގެ ތުހުމަތުކުގައި މީހަކު ހައްޔަރުކޮށްފައި ނުވާނަމަ، ނުވަތަ ހައްޔަރުކުރުމަށްފަހު ދޫކޮށްލާފައިވާނަމަ ކޮންމެ 15 ދުވަހަކުން މި ކަންކަން ޕްރޮސިކިއުޓަރ ޖެނެރަލްއާ ޙިއްޞާކުރަން ޖެހެއެވެ.

މި އިރުޝާދުގެ ދަށުން ޖިނާއީ ބޮޑެތި މައްސަލަތަކުގެ ތަޙްޤީޤް ނިންމުމަށްފަހު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅާއިރު، އެ މައްސަލައިގެ ތަޙްޤީޤް ކުރިއަށްދިޔަ ގޮތާއި، މިސްރާބު ހުރި ގޮތާއި، ތަޙްޤީޤަށް ހޯދިފައިވާ އަސާސީ މަޢުލޫމާތާއި، ހޯދިފައިނުވާ މަޢުލޫމާތަކީ ކޮބައިކަމާއި، އެ މަޢުލޫމާތު ހޯދިފައި ނުވާ ސަބަބާއި، އެ މައްސަލައާ ގުޅިގެން އިތުރަށް ސާފުކުރަންޖެހޭ ކަމެއް ވާނަމަ އެކަންކަން ހިމެނޭ ބަޔާނެއް ތަޙްޤީޤްކުރިފަރާތުން ހުށަހަޅަންޖެހެއެވެ. މި ބަޔާނުގައި، މައްސަލައިގެ ވަށައިގެންވާ ކަންކަމުގެ ތެރެއިން އަދަބަށް އަސަރުކޮށްފާނެ ކަންކަމުގެ މަޢުލޫމާތާއި، މައްސަލާގައި ހިމެނޭ ހެކިންނަށް ނުރަނގަޅު ނުފޫޒެއް ފޯރާފާނެކަމުގެ އިޙްތިމާލު އޮތްނަމަ، އެކަމުގެ މަޢުލޫމާތާއި، އެ މައްސަލައާ ގުޅޭގޮތުން ތަޙްޤީޤްކުރި ފަރާތުން ދެކޭގޮތް ބަޔާންކުރަންޖެހެއެވެ.

މި އިރުޝާދު އެކުލަވާލައި، މިއަދުން ފެށިގެން މި އިރުޝާދުގައިވާގޮތުގެ މަތިން ޢަމަލުކުރަމުން ދިއުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ވަނީ އަންގާފައެވެ.


ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޙުސައިން ޝަމީމް ނޫސްވެރިންނާ ބައްދަލުކުރައްވައިފި
އެސިސްޓެންޓް ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް އަލްއުސްތާޛް ޢަބްދުﷲ ރާބިޢު އައްޔަންކުރައްވައިފި