ނަސޭހަތްދީ ދޫކޮށްލުން
ތަޙްޤީޤްގައި ކުށަށް އިޢުތިރާފުވާ މީހުންގެ ތެރެއިން ކުދިކުދި ކުށްކުރާ މީހުން އެފަދަ ޢަމަލުތަކުން ދުރުހެލިވުމަށް ބާރު އެޅުމުގެ ގޮތުން އަދި އެ މީހުންނަށް އިތުރު ފުރުޞަތު ދީ، މުޖުތަމަޢުއަށް ރުޖޫޢަވެ، މުޖުތަމަޢުގައި ކުށުން ދުރުހެލިވެގެންވާ ރަނގަޅު ދިރިއުޅުމެއް އުޅުމަށް މަގުފަހިކޮށްދިނުމަށްޓަކައި، އެމީހުންގެ މައްޗަށް ކުށުގެ ދަޢުވާކުރުމުގެ ބަދަލުގައި ނަސޭހަތްދީ، މައްސަަލަ ނިންމުމުގެ ބާރު ޕްރޮސިކިއުޓަރ ޖެނެރަލަށް ލިބިގެންވެއެވެ.
ދަޢުވާކުރުމުގެ ބަދަލުގައި ނަސޭހަތްދީ މައްސަލަ ނިންމޭނީ ތިރީގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވާ މައްސަލަތަކުގައެވެ.
- ކުށަށް އިޢުތިރާފުވެފައިވުން؛ އަދި
- ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅާ ޝަރުޠުތަކާ އެއްގޮތަށް ޢަމަލުކުރުމަށް ކުށުގެ ތުހުމަތުގައިވާ މީހާ ޤަބޫލުވުން؛ އަދި
- އޭނާ ކުރިކަމަށް އިޢުތިރާފުވާ ކުށަކީ 1 (އެކެއް) އަހަރު ދުވަހަށްވުރެ ދިގު މުއްދަތަކަށް ޖަލުގައި ބަންދުކުރުމުގެ އަދަބެއް ހިމެނޭ ކުށެއް ކަމުގައި ނުވުން.
ދަޢުވާކުރުމުގެ ބަދަލުގައި ނަސޭހަތް ދިނުމަކީ ޢާންމު މަޞްލަޙަތަށް އެންމެ ފައިދާހުރި ގޮތްކަން ކަނޑައެޅުމުގައި ބާރުއަޅާ ކަންތައްތައް ތިރީގައިއެވަނީއެވެ.
- ކުށުގެ އަދަބަކީ ކުޑަ އަދަބެއްކަމުގައިވުން؛
- ކުށުގެ ސަބަބުން ލިބުނު ގެއްލުމަކީ ބޮޑު ގެއްލުމެއް ކަމުގައިނުވުން؛
- ކުށް ކުރި މީހަކީ ފުރަތަމަ ފަހަރަށް ކުށް ކުރި މީހެއް ކަމުގައިވުން؛
- ކުށް ކުރި މީހަކީ އެހެން ޖިނާއީ ކުށެއްގެ ދަޢުވާ އުފުލިފައިވާ މީހެއް ކަމުގައިނުވުން؛
- ކުށް ކުރި މީހަކީ ޢުމުރުން ދުވަސްވެފައިވާ މީހެއް ކަމުގައިވުން؛
- ކުށް ކުރީ ކުޑަކުއްޖެއް ކަމުގައިވުން؛
- ކުށް ކުރީ ޒިންމާދާރުކަމާއެކު ޢާއިލާއެއް ބަލަމުންދާ މީހަކު ކަމުގައިވުން؛
- ކުށުގެ ސަބަބުން ލިބުނު ގެއްލުމަށް ބަދަލު ދީފައިވުން.
- ނަސޭހަތްދީ ދޫކޮށްލުމުގެ އެއްބަސްވުން
-
ކުށުގެ ތުހުމަތުގައިވާ މީހަކު ނަސޭހަތްދީ ދޫކޮށްލާނަމަ، އޭނާއާއި ޕްރޮސިކިއުޓަރ ޖެނެރަލްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރާނެއެވެ.
މި އެއްބަސްވުމުގައި ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅާ ޝަރުޠުތަކާ އެއްގޮތަށް ޢަމަލުކުރުމަށް އެއްބަސްވާކަމަށް އިޤްރާރުވެ، ކުށުގެ ތުހުމަތުގައިވާ މީހާ ސޮއިކުރަންވާނެއެވެ. އަދި އެ ޝަރުޠުތަކާ އެއްގޮތްވާ ގޮތުގެމަތިން އޭނާ ޢަމަލުކުރަމުންދާހާ ހިނދަކު އޭނާގެ މައްޗަށް އެ ކުށުގެ ދަޢުވާ ނުއުފުލާނެކަން ޕްރޮސިކިއުޓަރ ޖެނެރަލް ކަށަވަރުކޮށްދޭނެއެވެ.
ދަޢުވާކުރުމުގެ ބަދަލުގައި ނަސޭހަތްދީ މައްސަލަ ނިންމި ތާރީޚުން ފެށިގެން 3 (ތިނެއް) އަހަރު ދުވަހުގެ ތެރޭގައި، ނަސޭހަތް ދެވުނު މީހާ އިތުރު ކުށެއް ކޮށްފިނަމަ، އޭނާގެ މައްޗަށް އެ ކުށުގެ ދަޢުވާއާއެކު، އެކުށާ ގުޅިގެން ނަސޭހަތް ދެވުނު ކުށުގެ ދަޢުވާވެސް ކުރެވޭނެއެވެ.
ދަޢުވާކުރުމުގެ ބަދަލުގައި ނަސޭހަތްދީ ދޫކޮށްލުމުގައި ގޮތެއް ކަނޑައެޅުމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ލަފާދޭ ކޮމިޓީއެއް މިއޮފީހުގައި ޤާއިމްކޮށްފައިވާނެއެވެ. އެ ކޮމިޓީގައި ހިމެނެނީ މި އޮފީހުގައި ޤާއިމްކޮށްފައިވާ ޕްރޮސިކިއުޝަނާބެހޭ ޔުނިޓުތަކުގެ އޯވަރއޯލް ހެޑުންނާއި، ވިކްޓިމް ސަޕޯޓް ޔުނިޓުގެ ހެޑެވެ.