Tuesday, October 17 2017

އިޢުތިރާފުގެ އެއްބަސްވުން


ތަޙްޤީޤުގައި ކުށަށް އިޢުތިރާފްވާ މީހަކީ ނަސޭހަތް ދިނުމަށްފަހު ދަޢުވާ ނުކޮށް ދޫކޮށްލުމަށް ޝަރުޠު ހަމަވާ މީހެއްކަމުގައިނުވާނަމަ، ނުވަތަ އޭނާގެ މައްޗަށް އޭނާ ކޮށްފައިވާކަމަށް ތުހުމަތުކުރެވިފައިވާ ކުށަށް ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ފެނިއްޖެނަމަ އޭނާގެ އަދަބު ލުއިކޮށްދިނުމަށް ހުށަހެޅުމަށްޓަކައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައިވާ ގޮތުގެމަތިން އިޢުތިރާފުގެ އެއްބަސްވުމެއް ޕްރޮސިކިއުޓަރ ޖެނެރަލަށް ވެވިދާނެއެވެ.

ތުހުމަތުކުރެވޭ މީހާއާއި ޕްރޮސިކިއުޓަރ ޖެނެރަލްއާ ދެމެދު ވާހަކަ ދެކެވި، ތުހުމަތުކުރެވޭ މީހާ ކުށަށް އިޢުތިރާފުވެއްޖެނަމަ، ދެފަރާތުގެ ދެމެދުގައި ދެކެވުނު ވާހަކަތަކުގެ މައްޗަށް ބިނާކޮށް އެއްބަސްވުމެއް ވެވިދާނެއެވެ. މި އެއްބަސްވުމުގައި ދެ ފަރާތުން ސޮއިކުރަންވާނެއެވެ.

އިޢުތިރާފުގެ އެއްބަސްވުމެއްގެ ދަށުން އަދަބު ލުއިކޮށްދެވޭނީ، އެކުށަކަށް ޤާނޫނުގައި ކަނޑައެޅިފައިވާ އެންމެ ކުޑަ އަދަބަށްވުރެ ދަށްނުވާނެ އަދަބެކެވެ. ނުވަތަ ޤާނޫނުގައި އެ ކުށަށް ކުޑަ އަދަބެއް ކަނޑައެޅިފައިނުވާނަމަ، އެ ކުށަށް ކަނޑައެޅިފައިވާ އަދަބުގެ ދެބައިކުޅައެއްބަޔަށްވުރެ ކުޑަނުވާނެ އަދަބެކެވެ.

އިޢުތިރާފުގެ އެއްބަސްވުމެއް ވެވިއްޖެނަމަ، ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އޭނާގެ މައްޗަށް އެކުށުގެ ދަޢުވާ އުފުލުމަށްޓަކައި އެ މައްސަލައިގެ ލިޔުންތައް ޤާނޫނު ތަންފީޛުކުރާ އިދާރާއިން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވަންވާނެއެވެ. ކުށަށް އިޢުތިރާފުވުމުގެ ފުރުޞަތު ދިނުމުގެ ކަންތައް ކުރިއަށް ގެންދާނީ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގައިވާ ގޮތުގެމަތިންނެވެ.