Monday, December 9 2019

އަލްއުސްތާޛާ ޢާއިޝަތު ބިޝާމް

ޕްރޮސިކިއުޓަރ ޖެނެރަލް

އަލްއުސްތާޛާ ޢާއިޝަތު ބިޝާމަކީ ދިވެހިރާއްޖޭގެ ފުރަތަމަ އަންހެން ޕްރޮސިކިއުޓަރ ޖެނެރަލެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމާ ޢާއިޝަތު ބިޝާމް ޙަވާލުވެވަޑައިގަތީ 24 ނޮވެންބަރު 2015 ގައެވެ.

ޢާއިޝަތު ބިޝާމް ދައުލަތަށް ޚިދުމަތް ކުރައްވަން ފެއްޓެވީ 13 ސެޕްޓެންބަރު 2004 ގައެވެ. އެގޮތުން އެންމެ ފުރަތަމަ ފުރުއްވާފައިވަނީ ބަންޑާރަނައިބުގެ އޮފީހުގެ އެސިސްޓަންޓް ސްޓޭޓް އެޓަރނީގެ މަޤާމެވެ. އެމަޤާމުގައި އަދާކުރެއްވި ޒިންމާތަކުގެ ތެރޭގައި ޖިނާއީ މައްސަލަތަކުގައި ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުގައި ވަކާލާތުކުރެއްވުމާއި، ޤާނޫނީ އެންމެހައި ކަންކަމުގައި ލަފާދެއްވުމުގެ އިތުރުން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންޖެހޭ ބިލުތަކުގެ ދެލިކޮޕީ ތައްޔާރުކުރުން ހިމެނެއެވެ. އޭގެ ތެރޭގައި ދިވެހިރާއްޖޭގައި މިހާރު ޢަމަލުކުރަމުންގެންދާ ޤާނޫނުލްޢުޤޫބާތާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ މަސައްކަތް ހިމެނެއެވެ. އެޓަރނީ ޖެނެރަލްގެ އޮފީހުގައި މަސައްކަތްކުރެއްވި ދުވަސްވަރު ޢާއިޝަތު ބިޝާމްވަނީ ދިވެހިރާއްޖެއާއި ދިވެހިރާއްޖެއިން ބޭރުގައި ބަންޑާރަނައިބުގެ އޮފީސް އެކި ފެންވަރުގައި ތަމްޘީލްކުރައްވާފައެވެ. ބަންޑާރަނައިބުގެ އޮފީހުގައި ބިޝާމް ފުރުއްވާފައިވާ މަޤާމްތަކުގެ ތެރޭގައި ސީނިއަރ ސްޓޭޓް އެޓަރނީގެ މަޤާމާއި، ޑިރެކްޓަރ ޖެނެރަލްގެ މަޤާމާއި، ކައުންސެލް ޖެނެރަލްގެ މަޤާމާއި، ޑެޕިއުޓީ ސޮލިސިޓަރ ޖެނެރަލްގެ މަޤާމާއި، ޑެޕިއުޓީ އެޓަރނީ ޖެނެރަލްގެ މަޤާމުގެ އިތުރުން ދައުލަތުގެ ބަންޑާރަނައިބުކަމުގެ މަޤާމުވެސް ހިމެނެއެވެ.

ބަންޑާނައިބުގެ އޮފީހުގެ މަޤާމުތަކުގެ އިތުރުން ޢާއިޝަތު ބިޝާމްވަނީ މިނިސްޓްރީ އޮފް ލީގަލް ރިފޯމް، އިންފޮމޭޝަން އެންޑް އާޓްސްގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ލީގަލް ރިފޯމްގެ މަޤާމް އަދާކުރައްވާފައެވެ. އެމަޤާމު އަދާކުރެއްވިއިރު ބިޝާމްވަނީ 2008 ވަނަ އަހަރު ވުޖޫދަށް އައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން ވުޖޫދަށް ގެންނަންޖެހޭ މިނިވަން މުއައްސަސާތަކުގެ ޤާނޫނުތަކުގެ ދެލިކޮޕީ ތައްޔާރުކުރެއްވުމުގައި އިސް ދައުރެއް އަދާކުރައްވާފައެވެ. އެގޮތުން މިހާރު ޢަމަލުކުރަމުން ގެންދާ ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނަކީވެސް އެކަމަނާ ތައްޔާރުރެއްވި ދެލިކޮޕީއެކެވެ. ޑެޕިއުޓީ ކޮމިޝަނަރ އޮފް ލީގަލް ރިފޯމްގެ މަޤާމުގައި މަސައްކަތްކުރެއްވިއިރު ޢާއިޝަތު ބިޝާމްވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި މިނިސްޓަރަށް ބޭނުންވާ ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުން ދިރާސާކުރައްވަމުން ގެންދެވި ބިލުތަކާގުޅޭ ގޮތުންވެސް ސަރުކާރުގެ ފަރާތުން ޤާނޫނީ އެހީތެރިކަން ފޯރުކޮށްދެއްވާފައެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމާ ޙަވާލުވުމުގެ ކުރިން ބިޝާމްވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް އެފެއާޒް ސެކްރެޓަރީގެ މަޤާމާއި ސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓްގެ މަޤާމު އަދާކުރައްވާފައެވެ. ލީގަލް އެފެއާޒް ސެކްރެޓަރީގެ މަޤާމު ފުރުއްވިއިރު އެކަމަނާވަނީ ލީގަލް އެފެއާޒް ސެކްޝަން ހެޑްކުރެއްވުމުގެ އިތުރުން ފޮރިން ރިލޭޝަންސް ސެކްޝަންވެސް ހެޑުކުރައްވާފައެވެ. ޢާއިޝަތު ބިޝާމްވަނީ 2015 ވަނަ އަހަރު ސްވިޓްޒަލޭންޑްގެ ޖެނީވާގައި ބޭއްވުނު 22 ވަނަ ޔުނިވަރސަލް ޕީރިއޮޑިކް ރިވިއު ސެޝަންގައި ދިވެހިރާއްޖެ ތަމްޘީލްކުރައްވާފައެވެ. މީގެ އިތުރުން، ޢާއިޝަތު ބިޝާމްވަނީ ނޭޝަނަލް ޑްރަގް އެޖެންސީގެ ބޯޑުގެ މެންބަރުކަމާއި، ވައިސް ޗެއަރކަންވެސް ކުރައްވާފައެވެ.

ޢާއިޝަތު ބިޝާމް ޤާނޫނީ ދާއިރާއިން މަތީ ތަޢުލީމް ޙާޞިލްކުރައްވާފައިވަނީ އިނގިރޭސި ވިލާތުގެ ޔުނިވަރސިޓީ އޮފް ނޮތަންބްރިއާ އެޓް ނިއުކާސަލްއިންނާއި ނިއުޒިލޭންޑްގެ ވިކްޓޯރިއާ ޔުނިވަރސިޓީ އޮފް ވެލިންގޓަންއިންނެވެ. އެކަމަނާއަކީ، ޗާޓަރޑް އިންސްޓިޓިއުޓް އޮފް އާބިޓްރޭޝަން އިން ލަންޑަންގެ އެސޯސިއޭޓް މެންބަރެއްވެސްމެއެވެ.