Tuesday, October 17 2017

ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތަކާއި ބާރުތައްކަމަށް ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގައި ކަނޑައަޅާފައިވަނީ އަންނަނިވި ކަންކަމެވެ.

  • ޖިނާއީ ކުށްތަކާ ގުޅިގެން ދިވެހިރާއްޖޭގައި ކުރާ އެންމެހައި ދަޢުވާތަކާބެހޭ ކަންކަން ބެލެހެއްޓުން؛
  • ތަޙްޤީޤްކުރާ އެކިއެކި އިދާރާތަކުން ހުށަހަޅާ ހެއްކާއި ޤަރީނާ ވަޒަންކޮށް، ދަޢުވާއެއް އުފުލަންޖެހޭކަން ނުވަތަ ނޫންކަން ކަނޑައެޅުން؛
  • ޖިނާއީ ކުށެއް ކޮށްފިކަމުގެ ތުހުމަތު ކުރެވިއްޖެ ކޮންމެ މީހެއްގެ މައްޗަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ އިޚްތިޞާޞް ހުއްދަކުރާ ކޮންމެ ކޯޓެއްގައިމެ ދަޢުވާ އުފުލުން؛
  • ޖިނާއީ ކުށެއް ކަމަށް ތުހުމަތުކުރެވޭ ޢަމަލުތަކާ ގުޅިގެން ބަލާ ބެލުންތަކާއި، ހިންގާ ތަޙްޤީޤްތައް ބަލައި އެކަންކަން ހިންގަނީ ޤާނޫނާ އެއްގޮތަށްތޯ ބެލުން؛
  • ޝަރީޢަތަށް މައްސަލަ ހުށަހެޅުމުގެ ކުރީގައި މީހަކު ހައްޔަރުކޮށް، ނުވަތަ ބަންދުކޮށް، ނުވަތަ މިނޫންވެސް ގޮތަކުން މީހެއްގެ މިނިވަންކަން ހިފެހެއްޓޭނޭ ޙާލަތްތަކާއި ޝަރުޠުތައް މުޠާލިޢާކުރުމާއި މުރާޖަޢާކުރަމުން ގެންދިއުމާއި، އެ އުޞޫލުތަކާ އެއްގޮތަށް ޢަމަލުކުރަމުންދޭތޯ ބެލުން؛
  • ޖިނާއީ ކުށެއްކަމަށް ތުހުމަތުކުރެވޭ ޢަމަލެއް އެއްވެސް ފަރާތަކުން ހިންގައިފިކަމުގެ ޝަކުވާއެއް ހުށަހަޅައިފިނަމަ ނުވަތަ މިނޫންވެސް ގޮތަކުން މިފަދަ ކަމެއްގެ މަޢުލޫމާތު ލިބިއްޖެ ހިނދެއްގައި، އެކަމެއް ތަޙްޤީޤްކުރުމަށް، ތަޙްޤީޤްކުރުމުގެ ބާރު ޤާނޫނުގެ ދަށުން ލިބިގެންވާ ފަރާތަކަށް އަންގާ ތަޙްޤީޤްކުރުމުގެ އަމުރު ނެރުން؛
  • ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނުން، ޖިނާއީ ދަޢުވާއެއް ކުރުމުގެ ބާރު ލިބިފައިވާ އެއްވެސް ފަރާތަކުން ހިންގަން ފަށާފައިވާ ޖިނާއީ ދަޢުވާއެއް ކުރިއަށް ގެންދިއުމާ ޙަވާލުވުމާއި، މިފަދަ ދަޢުވާތައް މުރާޖަޢާކޮށް، އަނބުރާ ގެންނަން ޕްރޮސިކިއުޓަރ ޖެނެރަލަށް ފެނިއްޖެ ކޮންމެ ދަޢުވާއެއް ކޯޓުން ޙުކުމެއް އިއްވުމުގެ ކުރީގައި އަނބުރާ ގެނައުން؛
  • ކުށެއް ކުރިކަމަށް ތުހުމަތު ކުރެވިފައިވާ މީހަކާމެދު ދަޢުވާ އުފުލުމަށް ނުވަތަ ދަޢުވާ ނުއުފުލުމަށް ނިންމާފައިވާ ނިންމުމެއް މުރާޖަޢާކޮށް އެނިންމުން ބަދަލުކުރުމާއި، ކޮށްފައިވާ ދަޢުވާއެއް އަނބުރާ ގެނައުން؛
  • ޖިނާއީ މައްސަލައަކާ ގުޅިގެން ކޯޓަކުން އިއްވާފައިވާ ޙުކުމެއް ނުވަތަ ނިންމާފައިވާ ނިންމުމެއް އިސްތިއުނާފުކުރަން ހުށަހެޅުން؛
  • ޖިނާއީ މައްސަލަތަކުގައި ދަޢުވާކުރުމުގެ އެންމެހާ އުޞޫލުތައް ކަނޑައެޅުން؛
  • ޤާނޫނުއަސާސީގެ އެންމެހައި ހަމަތަކާއި، ޤާނޫނާއި، އެންމެހައި ފަރުދުންގެ ޙައްޤުތަކާއި މިނިވަންކަން ނެގެހެއްޓުން.

ތަޞައްވުރު


ޤާނޫނުގެ ޙުކޫމާތް ނަގަހައްޓައި، ޖިނާއީ ޢަދުލުގެ ނިޒާމުގައި ދައުލަތް ތަމްޘީލުކުރުމުގައި ހާމަކަމާއި ހަމަހަމަކަމާއެކު ވަކި ފަރާތަކަށް ބުރަނުވާ، އެއްގޮތް އުޞޫލަކުން ކަންކުރާ، ޖަވާބުދާރީކުރެވެނެވި، މުޙްތަރިފް ޚިދުމަތެއް ފޯރުކޮށްދޭ މުއައްސަސާއަކަށްވުން.


އަމާޒު


މިއޮފީހާ މަތިކޮށްފައިވާ މަސްއޫލިއްޔަތުތައް ހަމަހަމަކަމާއި، ދެތުވެރިކަމާއި، އަމާނާތްތެރިކަމާއެކު، ނުފޫޒުން އެއްކިބާވެތިބެ، އަވަސްކަމާއެކު އަދާކުރުން.